ސްކޭމް މައްސަލަތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދާ މިންވަރު %37 އިތުރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިކަންހާމަކޮށްފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް އެ އިދާރާއިން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކޮށެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތް ފެށިފަހުން 10 މަސް ދުވަސް ހޭދަވެެގެންގޮސްފައި ވާއިރު މިހާތަނަށް ޖުމްލަ 1663 މައްސަލައެއް އެ ސެންޓަރަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ބޮޑު އިންސައްތައެއް އަނބުރާ ހޯދާފައިވާކަން ހާމަކޮށް ފުލުހުން ބުނީ ގެއްލުނު ފައިސާގެ 37 އިންސައްތަ އަނބުރާ ހޯދާފައިވާ ކަމަށެވެ.
”މީގެ ތެރޭގައި 539 މައްސަލައެއްގައި ގެއްލުނު ހުރިހާ ފައިސާއެއް ހޯދާފައިވާއިރު، 143 މައްސަލައެއްގައި ގެއްލުނު ފައިސާގެ އެއްބައި ވަނީ ހޯދާފައި.“ ފުލުުހުން ހާމަކޮށްފައި ވެއެވެ.
ފުލުހުން ބުނީ މިއީ މިހާރުގެ ދުނިޔޭގައި ކުރިއަރާފައިވާ ހުރި 12 ޤައުމެއްގެ އެންޓި ސްކޭމް ސެންޓަރުގެ ނަތީޖާތަކާއި އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް ކަމަށާއި އެ ނަތީޖާއާއި ކިރިޔާވެސް ގާތްކުރާ ޤައުމަކަށް އޮތީ ސިންގަޕޫރު ކަމަށެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ސްކޭމްގެ ޝިކާރައަކަށް އެންމެ ގިނައިން ވެފައި ވަނީ ފިރިހެނުންކަމަށާއި އަދި އެއީ ޒުވާނުންނާއި މެދު އުމުރުގެ މީހުންނެވެ. އަދި އެ ތަފާސް ހިސާބުތަކުން އޭނގޭ ގޮތުގައި އެންމެ ގިނަ ސްކޭމް ހިންގާފައިވަނީ، އޮންލައިންކޮށް ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށެވެ.




