ބ.ތުޅާދޫ ކައުންސިލާއި އެ އަތޮޅު އުތުރުބުރީ މީދޫ ކައުންސިލުގެ ފަރާތުން މި އަހަރު ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް މިއަދު އެ ރަށަށް ވަޑައިގެންފިއެވެ.
މި އަހަރު ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތުޅާދޫ ކައުންސިލާއި މީދޫ ކައުންސިލު ގުޅިގެން ދެ ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ޤަދީމީ ގުޅުން އިތުރަށް ބަދަހިކުރުމަށް މީދޫ ރައްޔިތުން އެއްބައިވަންތަކަމުގެ ދަތުރެއް ތުޅާދުއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މި ދުވަހާ ގުޅުވައިގެން ތުޅާދޫގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ދެ ރަށު ރައްޔިތުން އެކުގައި ފަތިސްނަމާދު ޖަމާޢަތުގައި ކުރުމާއި، ތުޅާދޫ ފެހިކުރުމުގެ ގޮތުން ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމާއި، ރައްޔިތުން އެކުވެ އެކުވެރިކަމުގެ ޝުޢޫރު ފާޅުކުރުމާއި އަތާ އަތްގުޅާލުމުގެ އިތުރުން މީދޫ ރައްޔިތުންގެ ޝަރަފުގައި ޖާފަތެއް ބޭއްވުމަށް ތުޅާދޫ ކައުންސިލުން ވަނީ ނިންމާފައެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވެސް ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުންދަނީ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން ރާއްޖޭގެ ރައްޔިތުން ދައްކުވައިދިން އެކުވެރިކަމާއި އަޚްވަންތަކަމާއި، ޤައުމީ އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމަށް ޓަކައެވެ.




