އުތުރުކޮރެއާގައި ފުރަތަމަ ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިން ދައްކާލައިފިއެވެ.
އުތުރު ކޮރެއާއިން ބުރާސްފަތި ދުވަހު އާންމުކުރީ ބޮޑު ތަނުން ނިމިފައިވާ ނިއުކްލިއާ އިންޖީނުގެ ސަބްމެރިން ހަލްއެއް ފެންނަ ފޮޓޯތަކެކެވެ.
އާންމުކޮށްފައިވާ ފޮޓޯތަކުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އިތުރު އިސް އޮފިޝަލުންތަކަކާއެކު ހަދަމުންދާ އެންޓި ކޮރޮޝަން ޕެއިންޓް ޖަހާފައިވާ ބޮޑު ބޯޓެއް ބަލާލާ މަންޒަރު ފެނެއެވެ.
ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ކިމް ވަނީ އުތުރު ކޮރެއާގެ 8،700 ޓަނުގެ ނިއުކްލިއާ ހަކަތައިގެ ސަބްމެރިނެއްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ޝިޕްޔާޑަކަށް ޒިޔާރަތް ކުރައްވާފައެވެ. ނަމަވެސް އެ ދަތުރު ކުރި ތާރީހެއް އެ އެޖެންސީން ހާމައެއް ނުކުރެ އެވެ.
މިއީ މިދިޔަ މާޗު މަހުގެ ފަހުން އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާތަކުން އެ ބޯޓުގެ ފޮޓޯތައް އާންމުކުރި ފުރަތަމަ ފަހަރެވެ.
ރިޕޯޓުތައް ބުނާގޮތުން އެ ސަބްމެރިންއަކީ ނިއުކްލިއާ ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލް އަދި ޓޮރްޕިޑޯ ފޮނުވާލުމުގެ ގާބިލުކަން ލިބިގެންވާ އުޅަނދެކެވެ. އަދި ކަނޑުގެ އަޑިން ދުޝްމަނުންނަށް ކުއްލި ހަމަލާތައް ދިނުމުގެ ގާބިލުކަން އެ ނިއުކްލިއާ ސަބްމެރިން އަށް ލިބިފައި ވެއެވެ.
ކިމް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދާއެކު ދެކުނު ކޮރެއާއިން ނިއުކްލިއާ ހަކަތަ އުފައްދާ ސަބްމެރިނެއް ގަތުމަކީ އުތުރު ކޮރެއާގެ ސަލާމަތާއި ކަނޑުގެ އިސްތިގުލާލަށް އޮތް ނުރައްކަލެއް ކަމަށެވެ.
އަދި ދެކުނު ކޮރެއާގެ ޕްލޭނަކީ އުތުރު ކޮރެއާގެ އަސްކަރިއްޔާއިން ނިއުކްލިއާ ހަތިޔާރު ތަރައްގީ ކުރުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމަށް ކިމް ވިދާޅުވިއެވެ.



