ބަނގްލަދޭޝްގެ ކުރީގެ ރައީސް ޒިއާއުރް ރަހްމާންއާއި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިކަލުން ތާރިގް ރަހްމާން 17 އަހަރު ވަންދެން އަމިއްލައަށް އަރުވާލެވިގެން އުޅުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފި އެވެ.
ލަންޑަންގެ ހީތުރޯ އެއާޕޯޓުން ތާރިގް ރަހްމާން 60އ އޭނާގެ އަނބިކަނބަލުން ޒުބައިދާ ރަޙްމާންއާއި ދަރިކަނބަލުން ޒައިމާ ރަޙްމާންއާ އެކު ޑާކާއަށް ފުރައިވަޑައިގެންނެވި މަންޒަރުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
ރަޙްމާން އާއި އޭނާގެ އާއިލާއަށް ޑާކާ އެއާޕޯޓުން އެތައް ހާސް ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ އެކްޓިވިސްޓުން ބެނާ ހިފައިގެން އެއްވެ ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ.
ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ އެކްޓިން ޗެއާމަންގެ މަގާމަށް ތާރިގު ރަހްމާން އައްޔަން ކުރެއްވީ 2018 ވަނަ އަހަރު އެވެ.
ތާރިގް ރަހްމާންގެ މައްޗަށް މާލީ ޖިނާއީ ކުށްތަކާއި ބޮޑުވަޒީރު ހާސީނާ އަވަހާރަކޮށްލުމަށް ރޭވިކަމުގެ ތުހުމަތުތައް ވަނީކޮށްފައެވެ.
އެހެންކަމުން 2008 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ލަންޑަނުގައި ދިރިއުޅުއްވަމުން ދިޔަ ރަހްމާން ބަންގްލަދޭޝްއަށް ވަޑައިގެންފައި މި ވަނީ ހަސީނާގެ ސަރުކާރު ވެއްޓުމަށްފަހު، ރަހުމާންގެ މައްޗަށް އުފުލި ހުރިހާ ދަޢުވާއަކުން ސަލާމަތްވުމަށްފަހު އެވެ.
އަދި މިއީ ހަސީނާ މަގާމުން ދުރުކުރުމާ ގުޅިގެން ބީއެންޕީ އަލުން އެ ގައުމުގައި ވަރުގަދަވަމުން އަންނަ ދަނޑިވަޅެއްގެ ގޮތުގައި މީޑިއާ ރިޕޯޓުތައް ބުނެއެވެ.


