ހުޅުމާލެ ފޭސް 2 ގައި އަލަށް ޢިމާރާތްކުރި މިސްކިތް ހުޅުވައިފިއެވެ.
ހުޅުމާލެ ފޭސް 2 ގައި ތަރައްގީކުރި ”މަސްޖިދުލްއީމާން“ ރަސްމީކޮށް ހުޅުވީ މިއަދު ހުކުރު ނަމާދަށް ފަހުގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒު ކަމަށެެވެ. އަދި ހުކުރު ނަމާދުގައި އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފޭސް 2 ގައި ތަރައްގީކުރި މަސްޖިދުލް އީމާން އަކީ 1200 މީހުންނަށް ނަމާދު ކުރެވޭ ޖާގަ ހުރި މިސްކިތެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެެވެ. ތިން ފުލޯއަށް އިމާރާތްކޮށްފައިވާ މި މިސްކިތް ބިނާކޮށްދެއްވީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައެވެ.
މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރުމަށް ޚާއްސަ ތަނެއް ކަނޑައަޅާފައި ވާއިރު މިސްކިތުގައި ވުޟޫކުރުމަށް ޚާއްސަ ބައެއްވެސް ހަދާފައިވެއެވެ. މިސްކިތުގެ ގްރައުންޑް ފްލޯގައި 8 ފާޚާނާ ވަނީ ހަދާފައެވެ. އޭގެތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް 2 ފާޚާނާ ވަނީ ހަދާފައެވެ.
މީގެ އިތުރުން މިސްކިތުގެ ގޯތިތެރޭގައި ޕާކިން ޒޯނެއް ހަދާފައިވާއިރު މިސްކިތް ބިނާކޮށްފައި ވަނީ، އިރުގެ އަލި މިސްކިތުގެ ތެރެއަށް ފޭދޭ ގޮތަށެވެ.



