އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން ޗައިލްޑް ހެލްތު ކްލިނިކްގެ ޚިދުމަތްތައްދޭން ފަށައިފިއެވެ.
އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު (ޔޫޕީއެޗްސީ) އަކީ މާލެ ސަރަހައްދުގައި މި ސަރުކާރުން ތައާރަފްކުރި ހިދުމަތެކެވެ.
އައިޖީއެމްއެޗުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކުޑަކުދިންނަށް ވިޓަމިން އޭ ދިނުމާއި، އެ ކުދިންގެ ހެދިބޮޑުވުން މޮނިޓާކުރުމާއި، ތުއްތު ކުދިންނަށް ގާތުން ކިރު ދިނުން ފަދަ ޚިދުމަތްތައް އެ ކްލިނިކުން މިހާރު ލިބޭނެ ކަމުގައެވެ.
އެގޮތުން އެ ޚިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 15:30 އަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ. އަދި ކުދިންގެ ހެދިބޮޑުވުން ބެލުމަށްޓަކައި ކުރިއަށްގެންދާ ގްރޯތު މޮނިޓަރިންގ ޚިދުމަތް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް ލިބޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނީ ކުޑަކުދިންގެ ވެކްސިން ދިނުމުގެ އިންތިޒާމުތައްވެސް އެ ސެންޓަރުގައި ކުރިއަށްގެންދާކަމަށެވެ.
ޗައިލްޑް ވެކްސިނޭޝަން ޚިދުމަތް އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 08:30 އިން ހަވީރު 15:30 އަށް ދިނުމަށް ހަމަޖެހިފައިވާއިރު، ހޯމަ އަދި ބުރާސްފަތި ދުވަހު މި ޚިދުމަތް ދޭނީ ހެނދުނު 08:30 އިން މެންދުރު 12:00 އަށްކަމަށްވެސް އައިޖީއެމްއެޗުން ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޞިއްޙީ ސިޔާސަތާ އެއްގޮތަށް، އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުތައް ފަރުމާކުރެވިފައިވަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާވެގެންދާނެ ޚިދުމަތްތަކެއް، އެ ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތަށެވެ.



