ރަސްމާލެ ހިއްކުމުގެ މަޝްރޫޢު އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިންމާލެވޭނެ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހައުސިން މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ޑްރެޖަރެއް ބޭނުންކޮށްގެން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި 3 ކުންފުންޏަކުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެ މަސައްކަތް އަންނަ އަހަރު އޭޕްރީލް މަހަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“ ގުޅީފަޅު، ގިރާވަރުފަޅު، ހުޅުމާލެ ފޭސް 3 އަދި ރަސްމާލެވެސް އާބާދުކުރަން ބަލާއިރު އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ، މުނިސިޕަލް އިންފްރަސްރަކްޗަރ އަދި މަގު ހެދުމުގެ މަސައްކަތް.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެތަނުގެ މާސްޓަރ ޕްލޭންއެއް ހެދުމަށް ފަރާތްތަކެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިހާރު އިއުލާނުކޮށްފައިވާ ކަމަށެވެ.
”ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރުވެސް އެތަނުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމަށް އެމްއޯޔޫތަކުގައި ވަނީ ސޮއިކޮށްފައި.“ މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެތަނުގެ ޑިޒައިން ކުރުމުގެ މަސައްކަތް ފެށިގެންދާނީ، ރަސްމާލެ މާސްޓަރ ޕްލޭން ނިމުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން ހިއްކާ ވަނީ ނިމިފައެވެ.



