މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލުމަށް އަންނަ މަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހައުސިން މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މިހާރު އިއުލާނުކޮށްފައިވާ ބޯހިޔާވަހިކަމުގެ އުސޫލަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިހާރު ކަނޑައަޅާފައިވަނީ ފޯމު ހުށަހަޅަން ހުޅުވާލަން 15 ޖެނުއަރީ 2026 ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެ ސްކީމަށް ފޯމު ހުށަހަޅަން ތިން މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސޯޝަލް ހައުސިންއިން މިހާރު އިއުލާނުކޮށްފައިވާ ހައުސިން ޔުނިޓުތަކާއި ރަސްމާލެއިން ދޫކުރާ ގޯތި ދޫކުރަނީ އާއިލީ ބޯހިޔާވަހިކަމުގެ ގޮތުގައި ކަމަށާއި އެ މީހެއްގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގެއެއް، ގޯއްޗެއް، ރޯ ހައުސެއް، ފްލެޓެއް އޮތް ފަރާތްތަކަށް މި ސްކީމަކަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫތަކެކެވެ.



