ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާދެމެދު އެއަރޕޯޓް ކްރައިސިސް މެނޭޖްމަންޓާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.
ފުލުހުން ބުނީ އެ ފަހުނާމާއަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރަށް ހަރުދަނާކުރުމުގެ އިތުރުން ކުއްލި ހާލަތްތަކުގައި މުއާމަލާތުކުރުން ހަރުދަނާކުރުމާއި އަވަސް އަދި ފައިދާހުރިގޮތެއްގައި އިޖާބަ ދިނުމުގެ ގޮތުން ސޮއިކުރެވިގެންދިޔަ އެއްބަސްވުމެއް ކަމަށެވެ.
ކުއްލި ހާލަތްތަކުގައި ދިމާވާ ކަންކަމުގައި ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެމްއޭސީއެލްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



