ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ ރޭ ފަތިހު އަވަހާރަވެއްޖެއެވެ.
އެކަމަނާ ހިންގެވި ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ)އިން ނެރުނު ބަޔާނެއްގައި ބުނީ، އުމުރުފުޅުން 80 އަހަރުގައި ޚާލިދާ ޒިއާ، ރޭގެ ފަތިހުގެ ވަގުތެއްގައި އަވަހާރަވެފައިވާ ކަމަށެވެ.
ސިއްހީ ހާލުކޮޅު ގޯސްވެ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ޚާލިދާ ޒިއާއަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންނެވެ.
އެއިރު އެޑްމިޓުކުރީ ފުއްޕާމޭގެ އިންފެކްޝަނެއް ޖެހިގެންނެވެ. ނަމަވެސް، ޚާލިދާއަށް ހިތުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކާއި ހަކުރު ބައްޔާއި ފުއްޕާމޭގެ މައްސަލަތަކާއި އާތުރައިޓިސް އަދި ލޮލުގެ މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.
ބަންގްލާދޭޝްގައި ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ޚާލިދާ ވަނީ ޝައިހް ހަސީނާގެ ވެރިކަމުގައި ކޮރަޕްޝަންގެ ދައުވާކޮށް އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 2018 ވަނަ އަހަރު ޖަލަށް ވެސް ލާފައެވެ. އަދި ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުން ވެސް އެކަމަނާއަށް މަނާކުރިއެވެ.
ޚާލިދާ ޖަލުން މިނިވަންކުރީ މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވައްޓާލުމާ އެކުގަ އެވެ.



