ގޭންގް ކުށްތަކާއި އެނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އަމަލުކުރަން ފެށުމުން ރާއްޖޭގައި ގޭންގުތަކުގެ ހަރަކާތްތައް މަދުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގޭންގް ކްރައިމް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ އިސްވެރިޔާ، ސުޕްރިޑެންޓެންޓް އޮފް ޕޮލިސް، އިސްހާގް އާދަމް އެވެ.
އެގޮތުން އިސްހާގް ވިދާޅުވީ މެއި 25 ވަނަ ދުވަހު ރައީސް، ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާ އޮގަސްޓް 25 ވަނަ ދުވަހު އެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، ފާހަގަ ކުރެވުނު އެއް ކަމަކީ އެކިއެކި ޖަމާއަތްތައް ހަދައިގެން އެކިއެކި ގޭންގުތަކުގެ ސިފައިގައި ކުށް ކުރުމުގެ ރިކޯޑް އޮންނަ، ކުށް ކުރާ ފަރާތްތަކުގެ ހަރަކާތްތައް އަތޮޅު ތެރެއިން ވެސް އަދި މާލޭން ވެސް ވަރަށް މަދުވެފައިވާ ކަމަށެވެ.
ފުލުހުންގެ މަސައްކަތްތައް މިހާރު ބައްޓަން ކޮށްފައިވަނީ ހަމައެކަނި ކުށްތައް ތަހުގީގު ކުރުމުގެ ބަދަލުގައި ކުށްކުރުން ކުރިއާލާ ހުއްޓުވުމަށް އިސްކަންދޭ އުސޫލަށް ކަމަށްވެސް އިސްހާގް ވިދާޅުވިއެވެ.
މިގޮތުން ކުށްކުރާ ގުރޫޕުތައް އެއްވާ ”ހޮޓް ސްޕޮޓް“ ތައް 24 ގަޑިއިރު މެދުނުކެނޑި ބަލައި ޗެކްކުރުމާއި، އެފަދަ ތަންތަނުގައި ތިބޭ މީހުން ފޮނުވާލުމުގެ މަސައްކަތް ފުލުހުންގެ ޓީމުތަކުން ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުގެ އެހީގައި ގޭންގުތަކުގެ ސޭފްހައުސްތައް ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



