ރާއްޖޭގެ 6 ސަރަހައްދެއްގައި ޔޫތް ހަބް ނުވަތަ ޒުވާނުންގެ ވެހި ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޒުވާނުންގެ ވެހި ނުވަތަ ޔޫތު ހަބަކީ ޒުވާނުންނަށް އިތުރު ތަންތަނުގައި ހަރަކާތްތެރިވެ، މަސައްކަތް ކޮށްލުމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ސަރުކާރުން ގާއިމު ކުރަން ނިންމާފައިވާ މަރުކަޒުތަކެކެވެ.
މިދިޔަ މަހު މާލޭގައި ހުޅުވި ޔޫތް ހަބްގައި ޒުވާނުންނަށް ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު މިއަދު ވިދާޅުވީ ޔޫތް ހަބް ފުޅާ ކުރުމަށްޓަކައި ހުރިހާ ސިޓީއެއްގައިވެސް ޔޫތް ހަބް ގާއިމު ކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫސިޓީ، ފުވައްމުލަށް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ޔޫތް ހަބް ގާއިމު ކުރުމަށްޓަކައި މިހާރު ސޮއިކޮށްފައިވާކަމަށެވެ.
އަދި އިތުރު 2 ސަރަހައްދެއްގައި އަންނަ އަހަރު ޔޫތް ހަބް ގާއިމު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ ދަށްކޮށް ދިޔަނަމަވެސް 6 ސަރަހައްދެއްގައި ޔޫތް ހަބް ގާއިމު ކުރެވޭނެ ކަމަށެވެ.



