މީޑިއާ ވިލެޖް އެޅުމުގެ 70 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މީޑިއާ ވިލެޖު ތަރައްގީ ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
އެގޮތުން އެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މީޑިއާ ވިލެޖުގެ ގާތްގަނޑަކަށް 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އަދި އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ކޮންމެ ދުވަހަކު އެޗްޑީސީ މެދުވެރިކޮށް ބައްލަވާ ކަމަަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
”މިހާރު އެތަނުގަ މިދަންނަވާހެން ބޮޑުބައި ނިމިއްޖެ، އެއީ ކުރީގެ އެސްޓީއޯ ހޮޓާ ހުރިތަން. ނިމޭވަރަކުން މީޑީއާތަކަށް ވަރަށް ލުއި ފަސޭހަ ގޮތަކަށް އެތަނުގެ އިންތިޒާމުތައް ހަމަޖެހޭ ގޮތަށް ކުރިއަށް ގެންދާނަން“ މިނިސްޓަރު ވިދާޅުވިއެވެ.
މީޑީއާ ވިލެޖް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.



