ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ބޭގަމް ޚާލިދާ ޒިޔާ ފަސްދާނުލުމަށް ބާއްވާ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު އަޙްމަދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް މިއަދު ހަމަޖައްސަވައިފިއެވެ.
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު ޚާލިދާ ޒިޔާ އިއްޔެ ހެނދުނު އަވަހާރަވުމާ ގުޅިގެން ރައީސް ވަނީ ބަނގްލަދޭޝްގެ ރައްޔިތުންނާ މަރުޙޫމާގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.
މިނިސްޓަރު ހައިދަރު، ބަނގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުޙައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ އާއިލާގެ މެންބަރުންނާއި ބައްދަލުކުރައްވައި ރައީސް މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚާލިދާ ޒިޔާގެ ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެމްޕީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޚާލިދާ ޒިޔާ އަވަހާރަވީ ބަންގްލަދޭޝްގެ ގަޑިން ހެނދުނު 6:00 ގައި ކަމަށެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.
ބޭގަމް ޚާލިދާ ޒިޔާ އާލާސްކަންފުޅުގައި އުޅުއްވާތާ އެތައް އަހަރެއް ވެއްޖެއެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ޚާލިދާ ޒިޔާގެ މައިގަނޑު އާލާސްކަންފުޅަކީ ފުއްޕާމޭގައި އިންފެކްޝަން އުފެދި އެކަން ރަނގަޅު ނުވުމެވެ.
މީގެ އިތުރުން ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުމުގެ ކަންތައް ވެސް ވަރަށް ބޮޑެވެ. ކިޑްނީގެ މައްސަލަތަކާއި އާތްރައިޓިސްއާއި ލޮލުގެ ބަލިތަކާ އެކު އުމުރުން ދުވަސްވުމާ ގުޅިގެން އެކަމަނާގެ އާންމު ސިއްހަތު ވެސް ވަރަށް ގޯސްކަން ކުރިން ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ.




