ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެލައިޑު އިންޝުއަރެންސްގެ ގްރޫޕް ހެލްތު ޕެކޭޖް ތައާރަފުކޮށްފިއެވެ.
އެލަައިޑުން މިއަދު ބުނީ ކުދި މެދު ނުވަތަ ފުޅާވަމުން އަންނަ ކޮންމެ ފަންތިއެއްގެ ވިޔަފާރިއެއް ހިންގި ކަމުގައި ވިޔަސް، ވިޔަފާރީގެ އެންމެ ބޮޑު ކާމިޔާބީގެ އަސްލަކީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށާއި އެލައިޑުން ގަބޫލުކުރާގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ މުވައްޒަފުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދޭން ބޭނުންވާ ވިޔަފާރިތަކެއް ކަމަށެވެ.
ނަމަވެސް އެކަށީގެންވާ ފުރިހަމަ ކަވަރޭޖެއް ހޯދުމުގައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރެވިފައިވާކަމަށް އެލަައިޑުން ވަނީ ބުނެފައެވެ.
އެލައިޑުން ބުނީ މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެލައިޑު އިންޝުއަރެންސް އިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ”ކޯޕަރޭޓް ގްރޫޕް ހެލްތު އިންޝުއަރެންސް“ ޕެކޭޖުތައް ތައާރަފުކޮށްފައިވާ ކަމަށެވެ.
”މިއީ މުވައްޒަފުންނަށް އިތުބާރު ހުރި ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށާއި ވިޔަފާރިވެރިންނަށް ހިތް ހަމަޖެހުން ހޯދައިދިނުމަށްޓަކައި ފަރުމާކުރެވިފައިވާ ޕެކޭޖުތަކެއް.“ އެލައިޑުން ބުނެފައި ވެއެވެ.
އެލައިޑުގެ ގްރޫޕް ހެލްތު ޕްލޭންތަކުގެ ދަށުން ކަވަރޭޖް ލިބިގެންދާނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
1. އިންޕޭޝަންޓް ޚިދުމަތްތައް. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދޭ ފަރުވާއާއި އޮޕަރޭޝަންތައް އަދި ބޮޑެތި ބަލިތަކަށް ކުރާ ފަރުވާ
2. އައުޓްޕޭޝަންޓް ޚިދުމަތްތައް. ޑޮކްޓަރަށް ދެއްކުން، ޓެސްޓުތައް ހެދުން، ބޭސް ފަރުވާގެ ޚަރަދު އަދި މި ނޫންވެސް އިތުރު ހިދުމަތްތައް
މި ޕެކޭޖްތަކަކީ މެނޭޖުކުރަން ފަސޭހަ އަދި މުވައްޒަފުންގެ އަދަދަށް ބަލައި ވިޔަފާރިއަށް އެންމެ އެކަށީގެންވާ ގޮތަށް ބަދަލު ގެނެވޭނެ ޕެކޭޖްތަކެއް ކަމަށް އެލައިޑުން ބުނެފައި ވެއެވެ.
އެލައިޑުން ބުނީ މި ޕްލޭންތަކުގެ ދަށުން، ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ފަދަ ކުއްލި ހާދިސާތަކުގައި މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.
”އެލައިޑު އިންޝުއަރެންސާއެކު ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ ހަމައެކަނި އިންޝުއަރެންސް ޕޮލިސީއެއް ނޫނެވެ. ތިޔަބޭފުޅުންގެ މުވައްޒަފުންނާއި ވިޔަފާރި ރައްކާތެރިކުރުމުގައި އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދޭނެ އިތުބާރު ހުރި ބައިވެރިއެކެވެ.“ އެލައިޑުން ބުނެފައި ވެއެވެ.
އެލައިޑު އިންޝުއަރެންސްގެ ޕެކޭޖުތަކާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެލައިޑް އިންޝުއަރެންސްގެ ހޮޓްލައިން ނަންބަރު 1600 އަށް ގުޅުމަށް އެލައިޑުން ވަނީ އެދިފައެވެ.



