ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް ގުޅިގެން ހުޅުމާލޭގައި ތަރައްގީކުރާ ’ގްރީން ނާސަރީ‘ ގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑުންނެވެ.
ހުޅުމާލޭގައި މިފަދަ ނާސަރީއެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލެ އިތުރަށް ފެހިކޮށް، ތިމާވެއްޓާ ރައްޓެހި މާޙައުލެއް ބިނާކުރުމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް ބެލެހެއްޓުމެވެ.
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި ނާސަރީ ތަރައްޤީވެގެން ދިޔުމާއެކު ހުޅުމާލޭގެ ހިތްގައިމުކަން އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
“ މިއީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ ތެރެއިން ރާއްޖޭގެ ތަރައްޤީއަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް“ އެޗްޑީސީން ބުނެފައި ވެއެވެ.
މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ އިސްވެރިން، އެޗްޑީސީގެ އިސްވެރިން، އަދި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށްތައް ފެހިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.



