ތ. ކިނބިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ޑްރީމްހައުސް / މާލެ، ޢަބްދުﷲ ޝަފީޢު (32އ) އެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ކިނބިދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، ކިނބިދޫ ބަނދަރުމަތިން ކަމަށެވެ.
ފުލުހުން ބުނީ ޢަބްދުﷲ ޝަފީޢު ހައްޔަރުކޮށް، ބަލައިފާސްކުރިއިރު އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވިގެން ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބަލާފައިވާ ކަމަށެވެ.
އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 25 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



