ކ. ގުޅީގެ އަލަށް ހިއްކި ސަރަހައްދު ފެހިކުރުމަށްޓަކައި 2,000 ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް އެ ރަށުގައި ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ މިއީ ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ރިޔާސީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓާއި ގުޅީ ކައުންސިލް އަދި ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް އާއި އެ ރަށުގެ އެކި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ކެމްޕޭނަށް އެއްބާރުލުން ދިނުމާއި، ގުޅީގެ ތިމާވެށި ހިމާޔަތްކޮށް ރަށުގެ ހިއްކި ސަރަހައްދަކީ ހިތްފަސޭހަ ފެހި ތަނަކަށް ހެދުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ހަރަކާތް ފަށްޓަވައިދެއްވުމުގެ ގޮތުން މެންބަރު އަނާރާ ނަޢީމާއި ރަށު ކައުންސިލްގެ އިސްވެރިން ވަނީ ގަސް އިންދަވައިދެއްވާފައެވެ. މި މަސައްކަތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ދަނީ ޢަމަލީގޮތުން ބައިވެރިވަމުންނެވެ.
ގުޅީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި 2,000 ގަސް އިންދުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ. އަދި އިންދާ ގަސްތައް ބަލަހައްޓައި، ބޮޑުވަންދެން ފެންދީ ކުނިކަހައި ހެދުމުގެ އިންތިޒާމުތައްވެސް ކައުންސިލާއި މުއައްސަސާތައް ގުޅިގެން ވަނީ ރާވާފައެވެ.
މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާޞިލްވުމަށްޓަކައި ރަށު ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.



