އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ހޯމް ނަރސިން ކެއާގެ ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނަކަން އިއްޔެ އިއުލާނުކޮށްފިއެވެ.
ހޯމް ނަރސިން ކެއާއަކީ، ނަރުހުން ނުވަތަ އެހެނިހެން ސިއްހީ ޚިދުމަތްތެރިން ގޭގެއަށް ގޮސްގެން ބަލި މީހުންނަށް ފަރުވާއާއި އެހީ ފޯރުކޮށްދޭ ޚިދުމަތެކެވެ.
އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ޚިދުމަތް ދިނުމަށާއި ހޮސްޕިޓަލުގެ އެކިއެކި ދަތުރުތަކުގައި ބޭނުންކުރުމަށް ފަސް ސައިކަލު ސަޕްލައިކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އެއީ، ދެ އެއާ ބްލޭޑާއި ތިން ސްކޫޕީ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ނަމަވެސް، ހޯމް ނަރސިންގެ ޚިދުމަތް ފަށާނެ ތާރީޚެއް އެ އިއުލާނުގައި ބުނެފައެއް ނުވެއެވެ.
އައިޖީއެމްއެޗުން ބުނީ، އެ ސައިކަލުތައް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ މީހުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ކަމަށް ބިޑު ހުށަހަޅާނަމަ ސަމާލުކަން ދޭންވީ ކަންތައްތަކެއް ވެސް އިއުލާނުގައި ވަނީ ހިމަނާފައެވެ. މިގޮތުން، ކޯޓޭޝަން ހުށަހަޅަން ޖެހެނީ، ދީފައިވާ މައުލޫމާތާ އެއްގޮތަށް ޖީއެސްޓީ ހިމަނައިގެން ކަމަށްވާއިރު، ސަޕްލައިކޮށް ނިންމަން ކަނޑައަޅާ މުއްދަތު ބަޔާންކުރަން ޖެހެއެވެ.
ސައިކަލު ކްލިއާކޮށް، ރަޖިސްޓްރީ ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމާއި އެއް އަހަރުގެ ރޯޑްވޯދިނެސްއާއި އަހަރީފީއާއި އިންޝުއަރެންސް ފީ ދައްކަން ޖެހެނީ ބީލަން ކާމިޔާބު ކުރާ މީހަކު ކަމަށް އިއުލާނުގައިވެއެވެ.
މި ކަމާ ގުޅޭ ބީލަން ހުށަހަޅަން ހަމަޖެހިފައި ވަނީ، އަންނަ ހަފުތާގެ ބުދަ ދުވަހުގެ 11:00ގައި އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓު ޑިޕާޓުމަންޓުގެ އެންތޫރިއަމް މީޓިން ހޯލުގައެވެ. ބީލަން ހުޅުވާނީ، ހުށަހަޅާ މީހުންގެ ހާޒިރުގައި ކަމަށްވާއިރު، ގަޑިއަށް ހާޒިރުނުވާ މީހުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.




