ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މެމްބަރޝިޕް ފީ ވިޒިޓް މޯލްޑިވްޒް ކޯޕަރޭޝަނުން ކުޑަކޮށްފިއެވެ.
މިއީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަށާއި، ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށް ވިޒިޓް މޯލްޑިވްސުން ފަހިކޮށްދޭ ފުރުސަތުތަކެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، ގެސްޓުހައުސްތަކަށް ޚާއްސަ ކޮށްގެން މީގެ ކުރިން ނަގަމުން ދިޔަ ފީތައް ވަރަށް ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށެވެ.
ޝިއުރީ ވިދާޅުވީ، މީގެ ކުރިން ގެސްޓުހައުސްތަކަށް މެންބަރަކަށް ވުމަށްޓަކައި 1،000 ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މިހާރު މިގެނައި ބަދަލާއެކު 25 ކޮޓަރި އަށްވުރެ ކުޑަނަމަ 350 ޑޮލަރު އަދި 25 ކޮޓަރި އަށްވުރެ ގިނަނަމަ 750 ޑޮލަރު ދައްކަންޖެހޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
”މިގެނައި ބަދަލު ވަރަށް ބޮޑަށް ހުރިހާ ފަރާތްތަކުން ބަލައިގަނޭ. މިހާރު އަޅުގަނޑުމެންނަށް ވަރަށް ގިނަ މެންބަރުން ދަނީ ގުޅަމުން. މިއީ އަޅުގަނޑުމެން އޯލްރެޑީ އިމްޕްލިމެންޓެޑް“ ޝިއުރީ ވިދާޅުވިއެވެ.
ގެސްޓު ހައުސްތަކުގެ މެންބަރޝިޕް ފީ ދައްކަން ޖެހޭނީ، ކޮންމެ އަހަރެއް ފެށޭއިރެވެ.



