ރ. ކިނޮޅަސް ކައިރިން ކަނޑުމަތީގައި ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި، އެ މީހާގެ ޖިންސު ވެސް އަދިވެސް ދެނެނުގަނެވޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރުު 4:30 ހާއިރެވެ.
ފުލުހުން އިއްޔެ ބުނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ކިނޮޅަސް ކައިރި ކަނޑުމަތިން ފެނުނު ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުގެ ސަބަބުން، އެކީހާގެ ޖިންސު މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށާއި ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.



