ޒުވާން ޖީލު އުފެއްދުންތެރި ބަޔަކަށް ހެދުމަށް ޖުވާ ކުޅުން މަނާ ކުރުމަކީ، މުހިންމު ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރުން މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ޖުވާ ކުޅުމަކީ ޖިނާޢީ ކުށެއް ކަމަށް ކަނޑައެޅުއްވުމަށް ޤާނޫނުލް ޢުގޫބާތަށް ހުށަހަޅުއްވާފައިވާ އިސްލާޙާ ގުޅޭގޮތުން، ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ބިލު މަޖިލީހަށް ހުށަހެއްޅުއްވީ، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤް އެވެ.
ބިލު ހުށަހަޅުއްވައި މެންބަރު އަޒާން ވިދާޅުވީ، ފަހަކަށް އައިސް ރާއްޖޭގައި ޒުވާނުންގެ މެދުގައި ޖުވާ ކުޅުން އާންމުވެފައިވާ ކަމަށެވެ. އަދި ޖުވާ ކުޅުން އާންމުވެފައިވާ އެހެން ޤައުމުތަކުގެ ދިރާސާތަކުން ޖުވާގެ ސަބަބުން ޤައުމުގެ އުފެއްދުންތެރިކަން ދަށްވެގެންދާކަން ހާމަވެގެންދާ ކަމަށާއި، ޖުވާއިން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކުދި އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް ކަމަށްވެސް އަޒާން ވިދާޅުވިއެވެ.
މީގެއިތުރުން އަޒާން ވިދާޅުވީ، ރާއްޖޭގެ ޒުވާނުންގެ މެދުގައި ޖުވާ ކުޅުން އިތުރުވަނީ އަވަހަށް މުއްސަނދި ވެވޭނެކަން ޤަބޫލުކުރެވިފައި އޮތުމުން ކަމަށެވެ. ނަމަވެސް މިއީ ގެއްލުން ހުރި އަމަލެއް ކަމަށާއި ޤާނޫނުލް ޢުގޫބާތަށް ހުށަހަޅާފައިވާ އިސްލާޙާއެކު އެފަދަ ކުށް ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވޭނެ ކަމަށް އަޒާން ވިދާޅުވިއެވެ.
”އޮންލައިންކޮށް ޖުވާ ކުޅޭވޭތީ ވަރަށް ގިނަ ފަރާތްތަކުން މިވަނީ މިކަން ކުރަން ފަށާފައި. މިފަދަ އޮންލައިން ޕްލެޓްފޯމުތައް ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅިގެންދާނެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ކުރިއަށް އޮތް ޖީލު ވަރަށް ނުބައި އާދައަކުން ސަލާމަތްވުމަށް މަގުފަހިވެގެންދާނެ“ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން ވިދާޅުވިއެވެ.
މި ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ، ރާއްޖޭގައި ޖުވާ ކުޅުން ވަރަށް ފުޅާދާއިރާގައި ހިނގަމުންދާ ކަމަށެވެ. ޖުވާ ކުޅޭ ބައިނަލްއަޤުވާމީ ކުންފުނިތަކަށް ވާގިވެރިވާ ދިވެހި ކުންފުނިތައްވެސް އެބަހުރި ކަމަށާއި ރާއްޖޭގެ ބޭންކުތަކަށް އެ މުއާމަލާތްތައް ނުހޯދޭ ވަރުގެ ކުދި އަދަދުތަކުން ޖުވާ ކުޅޭ މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާ ކޮށްދޭކަންވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ބިލަށް ތާޢީދު ކުރައްވާކަން ފާހަގަކުރައްވައި، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވީ، މިހާރުވެސް ޤާނޫނުލް ޢުގޫބާތުގައި ނެތް ނަމަވެސް ޖުވާ ކުޅުމަކީ މަނާކަމެއް ކަމަށާއި، ނަމަވެސް ޤާނޫނުލް ޢުގޫބާތުގައި އެކަން ހިމެނުމުން އެފަދަ މައްސަލަތަކުގައި ހުކުމް ކުރަން ފަސޭހަވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި މިފަދަ ޤާނޫނުތައް ހަދަންވާނީ، ތަންފީޒު ކުރެވެން ޖެހޭނެ ދޮރުތައް ހުޅުވާލައިގެން ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.




