އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަނީ ލޯންޑާކުރުމަށް މަގުފަހިކޮށްދިން ކަމަށް ބުނެ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
އަމިން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓެއް އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްގެން ބައްސާމް ގަނެފައިވާ މުއާމަލާތުގައި، އެ ކުންފުނިން އޮޅުވާލައި މަނީ ލޯންޑްރިންއަށް އެހީވި ކަމަށް ބުނެ ދައުލަތުން އެ ކުންފުނީގެ މައްޗަށް ވެސް ދައުވާކުރިއެވެ.
އެ ދައުވާއާ މެދު ގޮތެއް ކަނޑައަޅަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރަން އަމިންއަށް ޖަމާކޮށްފައިވާ ކަމަށާއި އެ ޑޮލަރަށްވާ ފައިސާ، ނަގުދު ފައިސާގެ ގޮތުގައި އެފްއޭއެމްގެ މުވައްޒަފެއް ކަމަށްވާ އަދި މި މައްސަލައިގައި ދައުވާ ލިބޭ ހަސަން ވަހީދުއާ ހަވާލުކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.
އެ ފައިސާ އެފްއޭއެމްއާ ހަވާލުކުރި ކަން އަންގައިދޭން އަމިންއިން ކޭޝް ވޮއުޗާތަކެއް ތައްޔާރުކުރި ކަމަށް ދައުލަތުން ބުނެފައިވެއެވެ. ނަމަވެސް، އެ ފައިސާ އެފްއޭއެމްގެ އެއްވެސް އެކައުންޓަކަށް ޖަމާވެފައެއް ނުވެއެވެ.
އެފްއޭއެމްގެ ޑޮލަރު އަމިން ކުންފުންޏަށް ޖަމާވި ކަމަށް އެ ކުންފުނިން އިންކާރު ނުކުރާއިރު، އެ ކުންފުނިން އިންކާރު ކުރަނީ އެ ފައިސާ އެފްއޭއެމްއަށް ހަވާލު ނުކުރާ ކަމާއި އެ ފައިސާއިން ބައްސާމްގެ އެޕާޓްމެންޓަށް ފައިސާ ދައްކާފައިވާ ކަމެވެ.
ގާޒީ ވިދާޅުވީ ހަސަން ވަހީދުއާ ހަވާލުވި ފައިސާ، ބައްސާމް އެޕާޓްމެންޓް ގަންނަން ބޭނުން ކުރި ކަމަށް ދައުލަތުން ބުނާއިރު، އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށެވެ. އެކަމަށް ދައްކާ ހަމައެކަނި ހުއްޖަތަކީ އެޕާޓްމެންޓަށް ދައްކަން ބާކީ އޮތް ފައިސާގެ އަދަދަކީ، ހަސަން ވަހީދާ ހަވާލުކުރި ފައިސާގެ އަދަދާ ގާތްކުރާ އަދަދަކަށްވުމެވެ. ނަމަވެސް، އެ ފައިސާ އެޕާޓްމެންޓް ގަންނަން އަމިންއަށް ޖަމާކުރި ކަމުގެ އެއްވެސް ލިޔުމެއް ނެތެވެ.
އެހެންކަމުން، އެފްއޭއެމްގެ ޑޮލަރު މާރުކުރި ފައިސާއިން އަމިން އެވެނިއު އެޕާޓްމެންޓް ގަންގަން ފައިސާ ދެއްކި ކަން ސާބިތުނުވާތީ، އަމިން ކުންފުނީގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ގާޒީ ނިންމެވިއެވެ.



