ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމިން އެވެނިއު އިން ޕެންޓްހައުސްއެއް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތް ކަމަށް ބުނާ މައްސަލާގައި އޭނާ 23 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލައިގެ މިއަދު އޮތް ޝަރީއަތުގައި ދައުލަތުން އެދިފައިވަނީ އެންމެ ބޮޑު އަދަބު ބައްސާމްއަށް ދިނުމަށެވެ.
ދައުލަތުން މި މައްސަލައިގައި ދައުވާކޮށްފައިވަނީ:
° އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު ގއ. ގެމަނަފުށި، ފެހިކުރި / މުހައްމަދު އަގީލް – މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ
° މ. ހިރިނައިދޫ / ހަސަން ވަހީދު – މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ
° ބައްސާމް އަދީލް ޖަލީލް – ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ
° އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް – މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ
މީގެ ތެރެއިން ބައްސާމްގެ މައްޗަށް ކުރާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ވަނީ ކަނޑައަޅާފައެވެ.
އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދެ ފަރާތަށް ފުރުސަތު ދިނުމަށް ފަހު، މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހް ބައްސާމްގެ މައްޗަށް ކަނޑައެޅުއްވީ:
° ހިޔާނާތުގެ ކުށުގެ ދައުވާ – އަސާސީ އަދަބަށްވުރެ ތިން ދަރަޖަ މަތިކޮށް، 8 އަހަރަށް ޖަލަށް ލުން އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް
° މަނީ ލޯންޑަރިންގެ ދައުވާ – 15 އަހަރަށް ޖަލަށް ލުމަށް، މަނީލޯންޑަކުރި 44.4 މިލިއަން ރުފިޔާ ދެއްކުމަށް އަދި މަނީލޯންޑާކުރިކަމަށް ބުނާ 5.8 މިލިއަން ރުފިޔާ ހުރި ތަނެއް ހޯދައި ދައުލަތަށް ނެގުމަށް
މި މައްސަލާގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޝަރީއަތުން މިއަދު ނިންމި އެވެ. ދެން ދައުވާކޮށްފައިވާ ހަސަން ވަހީދާއި އަގީލާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
އެފްއޭއެމަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ބައްސާމް މިހާރު ވެސް ގެންދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.




