އ.ދ ގެ ބައެއް އިދާރާތައް ހިމެނޭހެން ބައިނަލްއަގުވާމީ 66 މުއައްސަސާއަކުން ވަކިވާން އެމެރިކާއިން ނިންމައިފިއެވެ.
ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަގްވާމީ 66 މުއައްސަސާއަކުން އެމެރިކާ ވަކިވާން ނިންމާފައިވާ ގަރާރުގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކޮށްފައިވާ ކަމަށެވެ.
އެގޮތުން އެމެރިކާއިން ވަކިވާން ނިންމާފައިވަނީ އ.ދ ގެ 31 މުއައްސަސާއަކާއި އ.ދ އިން ބޭރު ބައިނަލްއަގްވާމީ 35 މުއައްސަސާއަކުންނެވެ. މީގެތެރޭގައި އެކި ޖަމްއިއްޔާތަކާއި މުއައްސަސާތަކާއި އޮގައިޒޭޝަންތައް ވެސް ހިމެނެއެވެ.
ވައިޓްހައުސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މުއައްސަސާތަކާއި އޮގަނައިޒޭޝަންތަކާއި ޖަމިއްޔާތަކަކީ އެމެރިކާގެ އަސްކަރީ ބާރާއި އިގްތިސާދީ ނުފޫޒަށް ލޮޅުންއަރުވާ އަދި އެމެރިކާ ދުނިޔޭގައި ކުރާކަންކަމަށް ފާޑުކިޔާ މުއައްސަސާތަކާއި އޮގަނައިޒޭޝަންތައް ކަމަށެވެ.
މީގެއިތުރުން ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައި ގައުމުތަކަށް ކަންކަން މަޖުބޫރުކޮށް ތިމާވެށީގެ ކަންކަން ޕްރޮމޯޓްކޮށް ގައުމުތަކަށް ހިލޭ އެހީދޭން ބާރުއަޅާ މުއައްސަސާތަކަކީވެސް އެމެރިކާގެ އިގްތިސާދީ އަދި ގައުމީ މަސްލަހަތަށް ނުރައްކާތެރި މުއައްސަސާތައް ކަމަށް ވެސް ވައިޓްހައުސް އިންވަނީ ބުނެފައެވެ.




