އީރާންގެ ހާލަތަށް ރިއާޔަތްކޮށް، އެ ޤައުމުން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ މިނިކަން ކަމަށާއި އީރާނަށް އެހީވާން ތައްޔާރަށް ހުރިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެއެވެ.
”އެކްސް“ މެދުވެރިކޮށް ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ، އީރާނަށް ވައިގެ ހަމަލާތައް ދޭން ޖެހިދާނެކަމުގެ އިންޒާރު މިދިޔަ ހުކުރު ދުވަހު ދިން ފަހުންނެވެ.
ނަމަވެސް އިއްޔެ ކުރި ޕޯސްޓުގައި ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނަށް މިނިވަންކަން ބޭނުންވެފައިވާ ކަމަށާއި އެމެރިކާއިން އެހީވާން ތައްޔާރަށް ހުރިކަމަށެވެ. އެކަމާ ބެހޭގޮތުން އިތުރު ތަފްސީލެއް ޓްރަމްޕް ދެއްވާފައި ނެތުމުން، އެއީ ކޮން މޭރުމަކުން ވިދާޅުވި އެއްޗެއްކަމެއް އަދި ޔަގީން ނުވާކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އީރާންގެ ސަރުކާރާ ދެކޮޅަށް މިވަގުތު އެ ޤައުމުގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން އެތައް ބަޔަކު ވަނީ މަރުވެ، ޒަހަމްވެފައެވެ.
އެގޮތުން ތެހްރާންގައި ހުންނަ ހޮސްޕިޓަލެއްގެ ޑޮކްޓަރަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނީ، ޒަހަމްވެގެން އައިސްފައިވާ ބައެއް މީހުންނަށް ސީޕީއާރް ދޭނެ ވަގުތުކޮޅެއް ވެސް ގިނަ ފަހަރަށް ނުލިބޭ ކަމަށާއި ބައެއް ޒުވާނުންގެ ބޮލަށާއި ހިތަށްވެސް ބަޑި ޖަހާފައިވާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ބުނެފައިވަނީ އީރާންގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކަށް ހަމަލާ ދޭނަމަ، އެމެރިކާއިން ރައްދެއްގެ ގޮތުގައި ވައިގެ ހަމަލާ ދޭނެ ކަމަށެވެ. އެކަމާ ގުޅޭގޮތުން އީރާނުން ބުނެފައި ވަނީ، މިވަގުތު އެ ޤައުމުގައި ހިނގަމުންދާ ހަމަނުޖެހުމުގެ ފަހަތުގައި ތިބީ އެމެރިކާ ކަމަށާއި ސުލްހަވެރި މުޒާހަރާއެއް ލޭ އޮހޮރުވުމަކަށް ބަދަލު ކޮށްލީ އެމެރިކާ ކަމަށެވެ.


