ސައުދީ އަރަބިއާއިން ޔަމަނަށް އެހީތެރިވުމަށް، ކާބޯތަކެއްޗާއި އަސާސީ ހިޔާވަހިކަމަށް ބޭނުންވާ ސާމާނު ހިމެނޭ 20 ލޮރީ ފޮނުވައިފިއެވެ.
ސައުދީގެ ފޮރިން މިނިސްޓްރީން ”އެކްސް“ ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކާބޯތަކެއްޗާއި އަސާސީ ހިޔާވަހިކަމަށް ބޭނުންވާ ތަކެތި ހިމެނޭ 20 ލޮރީ، ޔަމަންގެ 13،000 އެއްހާ މީހުން އުޅޭ އަލް-ޢަބްރު އަވަށަށް ފޮނުވާފައިވާ ކަމަށެވެ.
ސައުދީން ބުނީ މިއީ އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ.
މީގެއިތުރުން ސައުދީގެ ފޮރިން މިނިސްޓްރީން ބުނީ، ޔަމަނުގެ އަލް-ޢަބްރު އަވަށުގައި ހިންގަމުން އަންނަ ފުޑް ސެކިއުރިޓީ އާއި ދަނޑުވެރިކަމުގެ 140 އަށްވުރެ ގިނަ މަޝްރޫއަކާއި، ހިޔާވަހިކަމުގެ 60 އަށްވުރެ ގިނަ މަޝްރޫއާއި، ތައުލީމާ ގުޅޭ 50 އަށްވުރެ ގިނަ މަޝްރޫއާއި، ފެނާއި ނަރުދަމާގެ 50 އަށްވުރެ ގިނަ މަޝްރޫއާއި، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ 60 އަށްވުރެ ގިނަ މަޝްރޫއުތަކަށް ވެސް އެހީތެރިކަން ދެމުން އަންނަ ކަމަށެވެ.
ޔަމަނުގެ އަލް-ޢަބްރު އަވަށް އޮންނަ ހަޟްރަމައުތު ޕްރޮވިންސަކީ ސައުދީގެ ބޯޑަރު ހިއްސާކުރާ ދެ ޕްރޮވިންސްގެ ތެރެއިން އެއް ޕްރޮވިންސެވެ. ފާހަގަކުރެވޭ ގޮތުގައި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)އިން ވާގިވެރިޔާ ”ސަދަން ޓްރާންސިޝަނަލް ކައުންސިލް“ (އެސްޓީސީ) އިން ޔަމަނުގެ އަލް-މަޙްރާ ޕްރޮވިންސާއި ހަޟްރަމައުތު ޕްރޮވިންސުގެ ސަރަހައްދުތަކެއް ވަނީ ހިފައިފައެވެ. އެހެންވެ ޔޫއޭއީއާއި ސައުދީއާ ދެމެދު އޮތީ ނުތަނަވަސްކަމެއް އުފެދިފައެވެ.




