ފަލަސްތީނުގެ ޣައްޒާ ހިންގުމަށް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބެލުމުގެ ދަށުން އުފެއްދި ”ބޯޑް އޮފް ޕީސް“ ގައި އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ހިމަނައިފިއެވެ.
ބްލެއާ އާއި ރުބިއޯގެ އިތުރުން މި ބޯޑުގައި ޓްރަމްޕުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސްޓީވް ވިކްޓޮފް އާއި ދަނބިދަރިފުޅު ޖެރެޑް ކުޝްނާ އާއި ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ހިމެނޭ ކަމަށް ވައިޓް ހައުސް އިން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ޗެއާމަންކަން ކުރައްވާ ”ބޯޑް އޮފް ޕީސް“ގައި ހިމެނޭ އެހެން މީހުންގެ ނަންތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނު ކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ބްލެއާ އަކީ 2003 ވަނަ އަހަރު އިރާގު ހިފި ހަނގުރާމާގައި އަދާކުރި ދައުރުގެ ސަބަބުން މެދުއިރުމަތީގައި މަގުބޫލުކަން ކުޑަ ބޭފުޅަކަށް ވާތީ މި ބޯޑުގައި ބްލެއާ ހިމެނުން މައްސަލައަކަށް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެފައިވެއެވެ. އެގޮތުން މިދިޔަ އަހަރު ޓްރަމްޕު ވެސް ވަނީ ބްލެއާ އަކީ މި ބޯޑަށް އެކަށީގެންވާ ބޭފުޅެއްތޯ ބަލަންޖެހޭ ކަމަށާއި އެ ނަމަށް ރުހުން އޮތްތޯ ބަލާނެ ކަމަށް ކުރިން ވިދާޅުވެފައެވެ.
ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ހެދި އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ މި ބޯޑަކީ ޣައްޒާއިން ހަމާސްގެ ވެރިކަން ނިމުމަކަށް ގެނެސް ޣައްޒާގެ ކަންކަން ދުވަހުން ދުވަހަށް ބަލަހައްޓަން އުފައްދާފައިވާ ވަގުތީ ކޮމިޓީގެ މައްޗަށް އޮންނަ ބޯޑެކެވެ.



