ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯއަށް ލިބިވަޑައިގެންނެވި ނޯބެލް ސުލްހައިގެ އިނާމުގެ މެޑަލް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަދިޔާކުރައްވައިފިއެވެ.
މަޗާޑޯ އެ އިނާމު ޓްރަމްޕަށް ހަދިޔާ ކުރެއްވީ، ވައިޓްހައުސްގައި އޭނާއާ ބައްދަލުކުރެއްވުމަށްފަހުއެވެ.
އެމެރިކާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން މަޗާޑޯ ވިދާޅުވީ، އޭނާއަށް ލިބިވަޑައިގެންފައިވާ ސުލްހައިގެ މެޑެލް ޓްރަމްޕަށް ހަދިޔާ ކުރެއްވީ ވެނެޒުއެލާގެ މިނިވަންކަމަށް ޓްރަމްޕް ކުރެއްވި މަސައްކަތް އަގުވަޒަން ކުރެއްވުމުގެ ގޮތުން ކަމަށެވެ.
”މިއަދަކީ ވެނެޒުއެލާގެ ރައްޔިތުންނަށް ތާރީހީ ދުވަހެއް ކަމުގައި އަހަރެން ދެކެން،“ ޓްރަމްޕާ ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވުމަށްފަހު މަޗާޑޯ ވިދާޅުވިއެވެ.
އެ ބައްދަލުވުން ބާއްވާފައި މިވަނީ، އެމެރިކާގެ ސިފައިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އެ ގައުމުގެ ކަރާކަސްއިން ހައްޔަރުކޮށް، މަސްތުވާތަކެތީގެ ވަގުފާރިކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލިތާ ހަފްތާތަކެއް ފަހުންނެވެ.
މިކަމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވީ، މިއީ ދެފަރާތުގެ މެދުގައި އޮތް އިހްތިރާމް ރަމްޒުކޮށްދޭ ވަރަށް ފުރިހަމަ ނިންމުމެއް ކަމަށެވެ. ނަމަވެސް ނޯބެލް ކޮމިޓީން ބުނީ އެ އިނާމަކީ އެހެން ފަރާތަކަށް ބަދަލުކުރެވޭނެ ނުވަތަ ނަގުލުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.



