ޔަހޫދީ އިޒްރޭލުން ޣައްޒާގައި ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލާ، ދެކުނު އެފްރިކާއިން އެ ޤައުމުގައި ހުރި އިޒްރޭލުގެ ސަފީރު އެ ޤައުމުން ބޭރުކޮށްލައިފިއެވެ.
މިކަމާ ބެހޭގޮތުން ދެކުނު އެފްރިކާގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަނުން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނީ، ޕްރިޓޯރިއާގައި ހުންނަވާ އިޒްރޭލުގެ ޗާޖް ޑި އެފެއާޒް، އާރިއަލް ސެއިޑްމަން އަކީ އެ ގައުމުން ބަލައިނުގަންނަ ފަރާތެއް ކަމަށް ކަނޑައަޅައި، 72 ގަޑިއިރު ތެރޭގައި އެ ގައުމުން ފޭބުމަށް އަންގާފައިވާ ކަމަށެވެ.
ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ސެއިޑްމަން ވަނީ ދެކުނު އެފްރިކާގެ އިސްތިގުލާލަށް އުނިކަން ލިބޭ ފަދަ ގޮތަކަށް، ހާރިޖީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފުވެފައެވެ.
މީގެއިތުރުން އެ ރިޕޯޓުގައިވާ ގޮތުގައި އިޒްރޭލުގެ މަންދޫބު ވަނީ ސޯޝަލް މީޑިއާގައި ރައީސް ސައިރިލް ރަމަފޯސާއަށް އަމާޒުކޮށް އިހާނެތި ބަސްތަކުން ހަމަލާދީފައެވެ. އަދި އިޒްރޭލުގެ އިސްވެރިން އެ ގައުމަށް ކުރެއްވި ޒިޔާރަތްތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކޮށްފައި ނުވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
”މިފަދަ އަމަލުތަކަކީ ހާރިޖީ އިމްތިޔާޒުތަކުގެ ނާޖާއިޒު ފައިދާ ނެގުމާއި ވިއެނާ ކޮންވެންޝަނާ ކަނޑައެޅިގެން ހިލާފު ކަންކަން،“ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.




