އެއް އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެކަމުގެ އުއްމީދެއް ނެތް މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހަޅާފައިވާ ބިލަށް، މުއައްސަސާތަކުގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
އެގޮތުން ޕެންޝަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅުއްވި ބިލު ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ނިންމީ ޕެންޝަން އޮފީހާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ނޭޝަނަލް ޕޭ ކޮމިޝަންގެ ލަފާ ހޯދުމަށެވެ.
ކޮމިޓީއަށް މިފަދައިން ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފެވެ. އޭނާ ހުށަހެޅުއްވީ އެ ތިން މުއައްސަސާގެ ބޭފުޅުންނާއެކު ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށެވެ.
ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހުސައިން ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެ މާއްދާގައި ”ޓާމިނަލް އިލްނަސްގެ ހާލަތް“ ކަމަށް ބުނަނީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައި ވިޔަސް، އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތެވެ.




