ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ބައްދަލުކުރައްވައިފިއެވެ.
މި މަހުގެ 9 ވަނަ ދުވަހު ޖަރުމަނުވިލާތަށް ރައީސް ކުރައްވާފައި މިވާ ދަތުރުފުޅުގައި، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ވިދާޅުވީ ބޭރު ޤައުމުތަކަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ދިރިއުޅޭ ލޮބުވެތި ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ދިވެހި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާއާއެކު ވަކިން ބައްދަލުކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ވެސް ފުރުސަތު ދެއްވާފައިވެއެވެ.
އެ ދިވެހިން ފާޅުކުރެއްވި ކަންބޮޑުވުންތަކުގެ އަޑުއައްސަވައި، ރައީސް ވިދާޅުވީ ގާތުން ބައްލަވާނެ ކަމަށެވެ.
ޖަރުމަނުވިލާތަށް ކުރައްވާފައިމިވާ ދަތުރުފުޅު ނިންމަވާލައްވާފައި ރައީސް ރާއްޖެ އެނބުރި ވަޑައިގަންނަވާނީ މިމަހުގެ 13 ވަނަ ދުވަހުގައެވެ.




