މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް ޤައުމީ އެއާލައިން، މޯލްޑިވިއަނުން ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަނުން އެންމެ ފަހުން ސީޕްލޭންގެ ޚިދުމަތް ފަށާފައިވަނީ ނ. ވެލިދޫ އަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަތޮޅުތަކުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ރަށްރަށުގެ ރައްޔިތުން ވަނީ ދަތުރުފަތުރު ފަސޭހަކުރުމަށްޓަކައި ބައެއް ރަށްރަށުގައި ސީޕްލޭންގެ ޚިދުމަތް ފަށައިދިނުމަށް އެމަނިކުފާނު އަރިހުން އެދިފައެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވިބޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ރައީސް އެ ވިދާޅުވާ ތާރީޚުގައި އެރަށްރަށަށް މޯލްޑިވިއަނުން ސީޕްލޭންގެ ޚިދުމަތް ފަށަމުންދާކަމަށެވެ. އެންމެ ފަހުން ޚިދުމަތް ފެށީ ވެލިދޫގައެވެ. އަދި މިމަހުގެ 12 ވަނަ ދުވަހު ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ.
”މިމަހުގެ 12 ގައި ތޮއްޑޫއަށްވެސް ޚިދުމަތް އެބަ ފަށަން. އެކަމަށްވެސް ބޭނުންވާ ހުރިހައި ތައްޔާރީތަކެއް ވެފައިއޮތީ. އެހެންވީމަ ތޮއްޑޫގެ ޚިދުމަތްވެސް ވަރަށް އަވަހަށް ފެނިގެންދާނެ.“ ސަލީމް ވިދާޅުވިއެވެ.



