ބަޔަކު ސަރުކާރު ޖަވާބުދާރީ ކުރަންދެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުހުންނަވާކަމަށާއި އެމަނިކުފާނު އަމިއްލަފުޅަށް އެކަން ކުރައްވަމުން ގެންދަވާކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
”އެކްސް“ ގައި އާރިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވަން އެދި އިދިކޮޅުން އިންތިހާބުގައި ވޯޓު ދިނުމަށް ބުނަމުން އަންނަކަމަށެވެ.
އެހެންނަމަވެސް އެހެންމީހަކު ސަރުކާރު ޖަވާބޫދާރީ ކުރުވާތޯ ބަލަން ނުހުންނަވާ ރައީސް މުޢިއްޒު އަމިއްލަފުޅަށް އެކަން ކުރައްވަމުން އަންނަކަމަށް އާރިފް ވިދާޅުވިއެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ އަތޮޅުތަކަށް ރައީސް ކުރައްވާ ދަތުރުފުޅުތަކެވެ.
”މިނިސްޓަރުންނާއި އެމްޑީން ގޮވައިގެން ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތަށް ސީދާ ވަޑައިގެން ރައްޔިތުންގެ ދަރުބާރުގައި ރައީސް މުޢިއްޒު އަމިއްލަފުޅަށް ސަރުކާރު ޖަވާބުދާރީ ކުރުވަނީ“ އާރިފް ވިދާޅުވެފައިވެއެވެ.
މިހާރުވެސް ސިލްސިލާ ގޮތެއްގައި ރައްޔިތުންގެ އެކި ފަންތީގެ އެކި ގިންތީގެ ގާތަށް ރައީސް އަމިއްލަ ފުޅަށް ވަޑައިގެން ޖަވާބުދާރީ ވެ ވަޑައިގަންނަވަމުން އަންނަކަމަށްވެސް އާރިފް ވިދާޅުވިއެވެ. އަދި މަދު މީސްކޮޅެެއްގެ ގާތަށް ދިޔުމުގެ ބަދަލުގައި ރައީސް ވަޑައިގަންނަވަނީ ސީދާ ރައްޔިތުންގެ ދަރުބާރަށްކަމަށްވެސް އާރިފް ވިދާޅުވިއެވެ.



