މިސްކިތްތަކަށް ގެއްލުންދިނުން ޓެރަރިޒަމްގެ އަމަލަކަށް ހަދަން ހުށަހެޅި އިސްލާހަށް ތާއީދު ކުރައްވާ ކަމަށާއި އެއީ ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި މުހިންމު ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހެދުމަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ. މި ބިލަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުންވެސް ބިލު ވީހާވެސް އަވަހަށް ފާސްކުރަން ޖެހޭ ކަމަށް ވަނީ ތާއީދު ކުރައްވާފައެވެ.
ބިލު ހުށަހަޅުއްވައި މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ މިއީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމުގައި ބަޔާންކޮށްފައިވާއިރު މިސްކިތްތަކަށް ގެއްލުން ދިނުމުގެ އަމަލުތައް އިތުރުވަމުންދާތީ މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމުގެ ގޮތުން އެފަދަ އަމަލުތައް ހުއްޓުވުމަށް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އަދި މި ބިލުގެ ސަބަބުން މިސްކިތްތަކަށް ލިބިދޭންޖެހޭ ލޯތްބާއި އިޙްތިރާމާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
”މިސްކިތްތަކަށް ގެއްލުންދޭ ކޮންމެ ފަހަރަކު އެމީހަކީ ބުއްދިގޯސް މީހަކަށްވެފައި އެކަމުން ސަލާމަތްވުމުގެ ޖާގަ މި އޮންނަނީ ވަރަށް ފުޅާކޮށް. މިިކަން އަޅުގަނޑުމެން ހުއްޓުވަންޖެހޭ. ބުއްދި ގޯސް މީހާ ގެއްލުންދޭ ހަމައެކަނި ތަނަކީ މިސްކިތްތައް ކަމަށްވަންޏާ އެއީ ވަރަށް ބޮޑު ޖޯކެއް. މިސްކިތްތަކަކީ ރައްކާތެރިތަނަކަށް ވާންޖެހޭނެ،“ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ އަދުގެ ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރާއްޖޭގައި އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ވެރިއެއް ކަމަށާއި އެހެންވެ މިފަދަ ބިލުތަކަށް ޕީއެންސީގެ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.




