މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި 3،651 ފޯމު މިހާތަނަށް ހުށަހަޅާފައިވާ ކަމަށާއި އަދި ހުށަނާޅައި ޑްރާފްޓު ސްޓޭޖުގައި 10،000 އެޕްލިކޭޝަން އެބަ އޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، މިނިސްޓަރު ވިދާޅުވީ މިހާތަނަށް ހުށަހަޅާފައިވާ 3،651 އެޕްލިކޭޝަނުގައި ފްލެޓަށް އޮތް ޑިމާންޑު ވަރަށް ބޮޑު ކަމަށެވެ.
ފްލެޓަށް އެހާ ޑިމާންޑު އޮތް ސަބަބެއް ކަމަށް ލަފާކުރެވެނީ، ސަރުކާރުން ތިން ކޮޓަރީގެ ފްލެޓުތަކަކަށް ކުރިމަތިލާން ހުޅުވާލާފައިވާތީ ކަމުގައި ވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ. އަދި މި ސްކީމު ބައްޓަންކޮށްފައި އޮތީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ކަމަށްވެފައި އެމީހުން ވަގުތުން ބޯހިޔާވަހިކަން ބޭނުންވާތީ ފްލެޓަށް އެދި ހުށަހަޅަނީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތިން ކޮޓަރީގެ ފްލެޓުތަކެއް ދައުލަތުން ފޯރުކޮށްދޭތީ އެގޮތަށް މި ސްކީމު ބައްޓަން ކުރެވިފައި މިވަނީ. އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށްވީމާ އެމީހުން އެބަ ބޭނުންވޭ ވަގުތުން ބޯހިޔާވަހިކަމެއް. ބިމެއް ލިބިއްޖެ ކަމަށްވަންޏާ އެތަން ތަރައްގީކުރަންޖެހޭނެ،“ ހައުސިންގް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިވަގުތު 3،600 އެއްހާ މީހުން ކުރިމަތިލާފައި އޮތް ނަމަވެސް މި ސްކީމުގެ މުއްދަތު ހަމަވާން ގާތްވާ ވަރަކަށް އެކަމަށް އެދޭ މީހުން ގިނަވާނެ ކަމަށް ބެލެވޭ ކަމަށެވެ.



