ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، މާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް އެމްޓީސީސީން ތާރު އަޅައި ނިންމާލައިފިއެވެ.
އެމްޓީސީސީން އެ މަގު ފުޅާކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށިއިރު އެންމެ ފުރަތަމަ ފިޔަވަހީގައި ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީމައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖެއްސުމުގެ އިތުރުން އެ މަގު ހަތަރު ލޭނަކަށް ފުޅާކޮށް، އެ މަގުގައި ތާރު އަޅައިފައެވެ.
އެ މަސައްކަތް ނިންމާލުމަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ދެވަނަ ފިޔަވަހީގެ ދަށުން ވަޅޯމަސް މާރުކޭޓު ކައިރިން ނޯތު ހާބަރާ ހަމައަށް ތާރު އަޅައި އެއްގަމުތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް ފަށައިފައެވެ.
އެ މަގުގެ ގާތައް ނަގައި، ފުޅާކުރުމަށްފަހު ރޭ މަގުގައި ތާރު އަޅަން ފަށާފައިވާއިރު މިހާރު ވަނީ އެއްކޮށް ތާރު އަޅައި ނިންމާލައިފަ އެވެ. އަދި މިވަގުތު ކުރިއަށް ދަނީ އެއްގަމު ތޮށީގެ މަސައްކަތްތަކެކެވެ.
ބޭރު މަގު ހެދުމުގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެއީ 455 ދުވަސް ތެރޭ ނިންމަންޖެހޭ މަޝްރޫއުއެކެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ނިންމާފައިވަނީ ތާރު އެޅުމުގެ މަސައްކަތް އަންނަ ރޯދަމަހުގެ ކުރިން ނުވަތަ މި މަހުގެ 13 އަށް މަސައްކަތް ނިންމުމަށެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަސް ފެށެނީ މި މަހުގެ 18ގައެެވެ.




