އެސްއެމްއީ ޑިޖިޓަލްއިން ރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށާއި، އަލަށް އެ ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ”ގެސްޓްހައުސް ފައިނޭންސިންގ“ އަދި ”ގެސްޓްރޫމް ފައިނޭންސިންގ“ ގެ ނަމުގައި ދެ ލޯނެއް ތައާރަފުކޮށްފިއެވެ.
މިއީ އިސްލާމީ ޝަރިއާގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން ތައާރަފްކޮށްފައިވާ ފެސިލިޓީތަކެއްކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފައިވެއެވެ.
މި ފެސިލިޓީތަކާގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ގެސްޓްހައުސް އަދި ގެސްޓްރޫމް ފައިނޭންސިންގ މެދުވެރިކޮށް، އެ ބޭންކުން މި މަގުފަހިކޮށްދެނީ އަތޮޅުތެރޭގައި ރަށު ފަތުރުވެރިކަން ތަރައްގީކޮށް އަތޮޅުތެރޭގެ އިގްތިސާދު ކުރިއެރުވުމުގެ ފުރުސަތުކަމަށެވެ. މި ފައިނޭންސިންގެ ސަބަބުން ރާއްޖޭގެ ކުރިއަރަމުން އަންނަ ރަށު ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން އެހީތެރިވެދޭނެކަމަށެވެ.
”މި ފައިނޭންސިންގެ ސަބަބުން ރާއްޖޭގެ ކުރިއަރަމުން އަންނަ ރަށު ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްގީ ކުރުމަށާއި މިދާއިރާގައި ގިނަ ބަޔަކަށް ބައިވެރިވުމަށް މަގުފަހިވެގެންދާނެ. އަދި، ފަތުރުވެރިކަން ރަށްރަށުގައި ތަރައްގީކުރުމަށް ކައުންސިލްތަކުން ދޫކުރާ ބިންތަކުގައި ގެސްޓްހައުސް އިމާރާތްކޮށް ވިޔަފާރި ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން މި ފައިނޭންސިންގ މެދުވެރިކޮށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ. މިކަމުގެ ސަބަބުން ރަށުގެ އާމްދަނީ އިތުރުވެ ރަށްތަކުގެ އިގްތިސާދީ ހާލަތުގެ ރަނގަޅުވެގެންދާނެ.“ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.



