ސަރުކާރުން ”ބޯހިޔާވަހިކަން އެންމެނަށް“ ސްކީމަށް އަލަށް އިތުރުކުރި 2 ކެޓަގަރީގެ އުސޫލު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިއުލާނުކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އަންނަ މާރިޗު މަހުގެ ތެރޭގައި ފޯމު ހުށައެޅުމަށް ހުޅުވާލާނެކަމަށް ހައުސިންގް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ހައުސިންގް މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ހުޅުވާލެއްވުމަށް ނިންމެވި މި ފުރުސަތަކީ ބިންވެރިކަން ނެތް އާއިލާތަކަށް އެ ފުރުސަތު ހޯދައިދިނުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމެއް ކަމަށެވެ.
ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސް ވިދާޅުވީ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އަމިއްލަ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލިވޭނެ ކެޓަގަރީއަކާއި އަދި ބިންވެރިޔާ ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންނަށް، އެންމެން ބިން ދޫކޮށްލާގޮތަށް ވަކިން ހުށައެޅޭނެ ކެޓަގަރީއެއް އިޢުލާނުކުރުމަށް ނިންމާފަވާކަމަށެވެ. މިއިން ކޮންމެ ދާއިރާއަކުން 1000 ގޯއްޗަށް ހުޅުވާލާނެކަމަށް ވިދާޅުވިއެވެ.
މިކަމުގެ ތަފްސީލު ޙިއްސާލުރައްވަމުން މިނިސްޓަރ މުޠަލިބް ވިދާޅުވީ، މި ކެޓަގަރީތަކާއި ގުޅޭ އުސޫލުގައި ހިމަނާނެ ޝަތުރުތަކާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައާޅާ، އުސޫލު ފައިނަލް ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.
ރޯދަ މަހުގެ ކުރިން އުސޫލު އާއްމު ކުރެވޭތޯ މަސައްކަތްތައް މި ގެންދަނީ. މަރިޗުމަހުގެ ކުރީކޮޅު ފޯމު ހުށައެޅުމަށް ހުޅުވާލުމަށް ދަނީ މަސައްކަތްކުރަމުން. މީގެ މުޅި ވިސްނުމަކީ ބިންވެރިކަމެއް ނެތް އާއިލާތަކަށް އެ ފުރުޞަތު ހޯދައިދިނުން.“ މިނިސްޓަރ ވިދާޅުވިއެވެ.




