އީރާނުގެ ނިއުލްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާއާއެކު ނުސީދާ މަޝްވަރާތައް ކުރެއްވުމަށް އެ ޤައުމުގެ ފޮރިން މިނިސްޓަރު އައްބާސް ޢަރާޤްޗީ ސްވިޒަލެންޑުގެ ޖެނީވާއަށް ވަޑައިގެންފިއެވެ.
އީރާނާ ދެކޮޅަށް ހަމަލާ ދޭނެކަމުގެ އިންޒާރު އެމެރިކާއިން ދެމުން ދިޔަ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ގެންދަވަނީ އެ ޤައުމާއެކު މުއާމަލާތު ކުރައްވަމުންނެވެ. އެގޮތުން އީރާނާއި އެމެރިކާއާ ދެމެދު މި މަހުގެ 6 ވަނަ ދުވަހު ޢުމާނުގައި ވަނީ ނުސީދާ މަޝްވަރާތައް ބާއްވާފައިވެއެވެ. އަދި ހަމަ އެ ދުވަހު ޓްރަމްޕް ވަނީ މަޝްވަރާގެ އައު ބުރެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިޢުލާނުުކުރައްވައިފައެވެ.
ސްވިޒަލެންޑުގެ ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި އެމެރިކާގެ ޚާއްސަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޖާރެޑް ކުޝްނާ ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ޖެނީވާއަށް ވަޑައިގެންފައިވާ ޢަރާޤްޗީ ވަނީ ބައްދަލުވުންތައް ފެށުމުގެ ކުރިން ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ، އައިއޭއީއޭގެ އިސްވެރިޔާ ރަފައެލް ގްރޮސީއާ ބައްދަލުކުރައްވައިފިއެވެ. ކުރިއަށް އޮތް މަޝްވަރާތަކާ ގުޅޭ ޓެކްނިކަލް ކަންކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
އައިއޭއީއޭއިން ދަނީ އީރާނުން މުއްސަނދިކޮށްފައިވާ 440 ކިލޯގެ ޔުރޭނިއަމްއަށް ވީނުވީއެއް ނޭނގޭތީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ޔުރޭނިއަމްއާ ގުޅޭ މަޢުލޫމާތު ހިއްސާ ކުރުމަށް އީރާނުގެ ކިބައިން އެދިފައެވެ.



