ސައުދީ އަރަބިއާގެ އަލް-ނަސްރުގެ އަންހެން ފުޓްބޯޅަ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ގައުމީ ޓީމުގެ ޑިފެންޑަރު، ކެތެލެން ސޫޒާ އިސްލާމް ވެއްޖެއެވެ.
ކެތެލެން އިސްލާމްވުމަށްފަހު މައްކާގެ ގެފުޅު ކައިރިއަށް ގޮސް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ހިއްސާ ކޮށްފައެވެ.
އުމުރުން 29 އަހަރުގެ ކެތެލެން އިސްލާމްވެއްޖެކަން އަލް-ނަަސްރު އިންވެސް ވަނީ ހާމަކޮށް، އިސްލާމްދީނަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް އިސްލާމްވުމަށްފަހު ކެތެލެން އަށް ކިޔާފައިވާ މުސްލިމް ނަން އޭނާވެސް އަދި އެ ކްލަބުންވެސް އަދިއެއް ހާމަކޮށްފައެއް ނުވެއެވެ.
”ރަނގަޅު މަގަށް ކުދިކުދި ފިޔަވަޅުތަކަކާ އެކު، މި ހޯދަނީ ހެޔޮ ބަދަލެއް. ދިރިއުޅުމުގެ ނިއުމަތްތަކަށް ޝުކުރުވެރިވަން“ ގެފުޅު ކައިރީގައި ހުރެ ނަގާފައިވާ ފޮޓޯއެއް މިދިޔަ ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ކެތެލެން ބުނެފައިވެއެވެ.
ބްރެޒިލްގައި ބޮޑަށް ފުޓްސަލް ކުޅުމަށްފަހު، ކެތެލެން ވަނީ 2024 ގައި އެމެރިކާގެ އެތުލެޓިކް ސްކޮލަޝިޕެއްގެ ދަށުން ހަތަރު އަހަރު އެ ގައުމުގައި ކޮލެޖް ފުޓްބޯޅަ ކުޅެފައެވެ. އެއަށްފަހު 2018 ގައި ސީނިއާ ކެރިއަރު ފެށީ ފްރާންސްގެ ބޯޑޯގަ އެވެ.
އެ އަހަރު ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުން ލިބުނު ފުރުސަތާ އެކު، އޭނާ އަކީ އަދިވެސް ގަވާއިދުން ގައުމީ ޓީމުން ފުރުސަތު ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ ބްރެޒިލް އާއެކު ދެ ވޯލްޑް ކަޕް ކުޅެ، އެއް ފަހަރު ކޮޕާ އެމެރިކާ މުބާރާތް ވެސް ކާމިޔާބު ކޮށްފައެވެ.




