އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުން މިހާތަނަށް 16 މީހުންނަށް ފަރުވާދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި އައިޖީއެމްއެޗުން ގުޅިގެން އައްޑޫގައި ހިތުގެ ބަލިތަކަށް ދޭ ފަރުވާ އިތުރަށް ފުޅާކުރުމުގެ ގޮތުން އިންޓަވެންޝަނަލް ކާޑިއޮލޮޖީ ނުވަތަ ކެތު ލެބުގެ ޚިދުމަތް ފެށީ، މިއަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގައެވެ.
ކެތު ލެބަކީ، ހިތާއި ލޭހޮޅިތަކުގެ ޞިއްހީ ހާލަތު ދެނެގަތުމަށާއި، ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްސަ ކޮށްފައިވާ ލެބެކެވެ. މި ލެބުގައި ހިތުގެ ލޭ ހޮޅިތަކުގެ ހާލަތު ދެނެގަތުމަށް ކެތިޓާ ކިޔާ ހޮޅިއެއް ބޭނުންކޮށްގެން ލޭހޮޅިތަކުގެ ތެރެއަށް ކުލައެއް ފޮނުވައި، އެކްސްރޭގެ ޒަރިއްޔާއިން ލޭހޮޅިތަކުގެ ހާލަތު ބަލައި، ލޭހޮޅި ބެދޭ ފަދަ އެއްޗެއް ހުރިނަމަ އެތަން ފުޅާކުރުމަށް ސްޓެންޓް ފަދަ ވަސީލަތްތައް ބޭނުން ކުރެވެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ، އައްޑޫގައި ކެތު ލެބު ހުޅުވިފަހުން މިހާތަނަށް 16 މީހަކަށް ފަރުވާދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 7 މީހަކަށް ސީއޭޖީ އަދި އެންޖިއޯ ޕްލާސްޓީ ހަދާފައިވާ ކަމަށާއި، 9 މީހަކަށް ސީއޭޖީ ހަދާފައިވާ ކަމަށް ވެސް ބުންޏެވެ.
އެންޖިއޯގްރަފީއަކީ، ބަލި ދެނެގަތުމަށް ކުރާ ޓެސްޓެކެވެ. މި ޓެސްޓު ކުރުމަށްޓަކައި އަތުގެ ކުޑަހުޅުން ނުވަތަ އުކުޅުވަޅުން ހިމަ ހޮޅިއެއް (ކެތީޓަރ) އެތެރެ ކުރެވެއެވެ. އެއަށްފަހު ހިތުގެ ލޭހޮޅިތަކަށް (ކޮރޮނަރީ އާޓަރީޒް) ޑައި އެއް ފޮނުވައި، އެކްސް-ރޭ ފޮޓޯ ނަގައިގެން ލޭހޮޅިއެއް ބެދިފައިވޭތޯ ބަލައެވެ.



