ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލީ ކެންޑިޑޭޓެއްގެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއެކު، އެ މަގާމަށް ޝަރުތު ހަމަވަނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓަށް ކަމަށްވުމުން، އޭނާ އެ މަގާމަށް އިންތިޚާބު ވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
ކުރިއަށް އޮތް ކައުންސިލު އިންތިހާބުގައި ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަން ހުށަހެޅީ އެ ރަށު ރިނދަލިގެ، ޢަބްދުލްމަޖީދު އެވެ. ނަމަވެެސް އޭނާގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމުމުން އޭނާ އެ މައްސަލަ ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ.
ހައިކޯޓަށް އެ މައްސަލަ ބަލައި ނުގަތުމުން ދެން މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެ ހުކުމާ ގުޅިގެން، އީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ޝަރުޠު ހަމަވެފައިވަނީ، އެންމެ މީހެއްގެ ކަމަށެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓް އަދި ގުރައިދޫ ކައުންސިލްގެ މިހާރުގެ ނައިބު ރައީސް އިބްރާހީމް ޝަލީޒް ކަމަށެވެ.
އީސީގެ އިއުލާނުގައި ބުނެފައި ވަނީ، އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، ކައުންސިލްގެ ރައީސްގެ މަގާމަށް ޝަރުތު ހަމަވެފައިވަނީ، އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ، އެ ކެންޑިޑޭޓް މަގާމަށް އިންތިޚާބު ވެއްޖެކަން ޢާންމުކޮށް އަންގައި އިއުލާން ކުރާ ކަމަށެވެ.



