ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އަނިޔާ ލިބޭ މީހުންގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ކޯޓުތަކުން ނެރޭ ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލު ތަކުރާރުވެދާނެ ކަމުގެ ބިރު އޮތް ހާލަތުގައި، އަނިޔާ ލިބޭ މީހާގެ ރައްކާތެރިކަމަށް ނެރޭ އަމުރެކެވެ.
އެގޮތުން އެ އަމުރުގައި ބުނެފައިވަނީ އެއީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމާއި އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ނެރޭ އަމުރެއް ކަމަށެވެ.
އަދި އެ އަމުރު މެދުވެރިކޮށް އަނިޔާ ކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ނުކުރާކަށް ނާންގާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން ބުނީ މިދިޔަ އަހަރު ވެސް މި އަމުރާ ހިލާފުވެގެން 99 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން 38 މީހަކު ހައްޔަރުކުރި ކަމަށް ބުންޏެެވެ.
ފުލުހުން ބުނިގޮތުގައި މި އަމުރާ ހިލާފުވެއްޖެ ނަމަ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެއެވެ. މިފަދަ 24 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް ބުންޏެވެ.




