މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް، ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 300 މިލިޔަން ޑޮލަރުން މައްޗަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ބޭނުންކުރެވޭ ރިޒާވާއާއެކު ރަސްމީ ރިޒާވްވެސް ވަނީ މަތިވެފައިވާކަން ވެސް ހާމަވެފައެވެ.
މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް ރިޒާވަށް އައިސްފައިވާ ބަދަލުތަކުގެ ތަފާސް ހިސާބުތައް މަރުކަޒީ ބޭންކުންވަނީ އާންމުކޮށްފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖެނުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރީ 1.03 ބިލިޔަން ޑޮލަރެވެ. މިދިިޔަ އަހަރު ނިންމާލިއިރު މިއަދަދު ހުރީ 983.04 މިލިޔަން ޑޮލަރުގައެވެ. މިއީ 4 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ ރަސްމީ ރިޒާވު މިފަހުން ބިލިޔަނަކަށް އެރި ފުރަތަމަ ފަހަރެކެވެ.
މީގެ ކުރިން ރަސްމީ ރިޒާވް މިވަރަށް މަތިވީ 2020 ވަނަ އަހަރެވެ. އޭރު މިއަދަދު އިތުރުވެގެން ދިޔައީ، ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީގެ އެއަހަރު ތެރޭ ބޭނުން ކުރުމުންނެވެ. އެއަހަރުގެ ޑިސެންބަރު މަހު އޭރުގެ ސަރުކާރުން ޚަރަދުތައް ފޫބެއްދުމަށް 250 މިލިޔަން ޑޮލަރުގެ ބޮންޑެއް ވިއްކާފައިވެއެވެ.
ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާއިރު، ބޭނުން ކުރެވޭ ރިޒާވަށްވެސް ވަނީ އިތުރުވެފައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ. މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެވެ.



