އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖް ޗާގޯސްގެ ރަށްވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަން އުޅުނު އިންސާނީ އެހީގެ ދަތުރަށް އިނގިރޭސި ސަރުކާރުން ރާއްޖެ މެދުވެރިކޮށް ހުރަސްއަޅާފައިވާ ކަމަށް އޭނާ ތުހުމަތު އިއްޔެ ކުރައްވައިފިއެވެ.
މިދިޔަ ހަފްތާގައި ފަރާޖް ރާއްޖެ ވަޑައިގަތީ، ޗާގޯސްގެ ފަޅު ރަށެއް ކަމަށްވާ އީލް ޑު ކޮއިންގައި ދާއިމީކޮށް ވަޒަންވެރިވުމަށް މަސައްކަތް ކުރަމުންދާ ޗާގޯސްގެ ހަތަރު މީހަކަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މި ތަކެތި ހިފައިގެން ދަތުރުކުރާ ބޯޓު ރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 300 މޭލު ބޭރުގައި އޮންނަ އެ ރަށަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ފަރާޖް ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަން އޮތް ނަމަވެސް، އިނގިރޭސި ކަމާ ބެހޭ ފަރާތްތަކުން ވަނީ އޭނާ އެ ބޯޓަށް އެރުން ހުއްޓުވުމަށް ރާއްޖޭގެ ސަރުކާރަށް ބާރުއަޅާފަ އެވެ. ފަރާޖް ދަ ޓެލެގްރާފް ނޫހަށް ވިދާޅުވީ އޭނާ ޗާގޯސްއަށް ވަޑައިގަތުން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން އެދިފައިވާކަން ރާއްޖޭގެ ސަރުކާރުގެ އިސް މަސްދަރަކުން އޭނާއަށް އަންގާފައިވާ ކަމަށެވެ.
”އިނގިރޭސި ރައްޔިތަކު އިނގިރޭސި ސަރަހައްދަކަށް ދިޔަ ނުދިނުމަށް މިފަދަ މަސައްކަތެއް ކޮށްފާނެ ކަމަށް ގަބޫލެއް ނުކުރެވޭ. މިއީ އިންސާނީ އެހީގެ ދަތުރެއް. އަދި އަހަރެންގެ ސަބަބުން މި ދަތުރަށް ބުރޫއަރަން ބޭނުމެއް ނޫން،“ ފަރާޖް ވިދާޅުވިއެވެ.



