ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މިރޭ އެ ޕާޓީގެ ތިނަދޫ ސިޓީގެ މާލޭ އޭރިއާ ކެންޕެއިން އޮފީސް ރަސްމީކޮށް ހުޅުވަން ހަމަޖެހިއްޖެއެވެ.
ޕީއެންސީން ބުނި ގޮތުގައި އެ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެވެ.
ޕީއެންސީން ބުނީ، މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ތިނަދޫ ސިޓީގެ މާލޭ އޭރިއާ ކެންޕެއިން އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވުން މިރޭ (23 ފެބުރުއަރީ 2026 ވާ ހޯމަ ދުވަހުގެރޭ) 21:30 ގައި މ. ފުޑޯސް ރެސްޓޯރަންޓް ކުރިމަތިން މުރަނގަ މަގުގައި އޮންނާނެ ކަމަށެވެ.
ކައުންސިލް އިންތިހާބާ ދިމާކޮށް ޕީއެންސީން ވަނީ ގަލޮޅު ދެކުނުގައި ވެސް ކެމްޕޭނު ޖަގަހައެއް ރޭގައި ހުޅުވާފައެވެ.
މީގެއިތުރުން ރައްޔިތުންގެ ތާއީދު ޕީއެންސީއަށް ހޯދައިދިނުމަށް އެ ޕާޓީން ވަނީ މިމަހުގެ 19 ވަނަ ދުވަހު ”ދޮރުންދޮރަށް“ ހަރަކާތްތަށް ވެސް ފަށައިފައެވެ. އެ ހަރަކާތް ފައްޓަވައިދެއްވޯ ރައީސް މުޢިއްޒުއެވެ. އަދި އެމަނިކުފާނު ދަނީ އެ ހަރަކާތުގައި ބައިވެރިވެވަޑައިގެން ގޭގެއަށް ޒިޔާރަތްވެސް ކުރައްވަމުންނެވެ.




