ޔަހޫދީ އިޒްރޭލުން އެމެރިކާއާ ގުޅިގެން އިސްވެ އީރާނަށް ހަމަލާ ދިނުމާ ގުޅިގެން، އީރާނުން ވެސް ރައްދު ހަމަލާ ދޭން ފަށައިފިއެވެ.
އިޒްރޭލުން ބުނެފައިވަނީ އީރާނުން މިހާރު އެ ގައުމަށް މިސޭލުތަކެއް ލޯންޗުކޮށްފައި ކަމަށެވެ. ނަމަވެސް އެއީ ކިތައް މިސޭލުކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޔަހޫދީ އިޒްރޭލުން އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ އޮފީހަށް ވެސް މިއަދު ހަމަލާދިނެވެ.
މިއީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކެކެވެ.
އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ވެރިރަށް ތެހެރާނުން ހަމަލާ އަމާޒުވި މުހިންމު ތަންތަނުގެ ތެރޭގައި އެ ގައުމުގެ އެންމެ މަތީ ލީޑަރު ޚާމަނާއީގެ އޮފީހާއި، އިންޓެލިޖެންސް މިނިސްޓްރީއާއި، ދިފާއީ ވުޒާރާގެ އިތުރުން އެޓޮމިކް އެނާޖީ އެޖެންސީ ހިމެނެއެވެ.
އިޒްރޭލުން އިސްވެ އީރާނަަށް ހަމަލާ ދޭން ފެށީ މިއަދު ހެނދުނެވެ.
މި ހަމަލާއަށް ފަހު މިހާރު އިޒްރޭލުގައި ވަނީ ސައިރަން އަޅައި، އަތުވެދާނެ ރައްދު މިސައިލް ހަމަލާއަކުން އާންމުން ރައްކާތެރިވެ ތިބެން ވެސް އަންގައިފައެވެ. އަދި މިއީ ވަރަށް ސީރިއަސް އިންޒާރެއް ކަމަށް އިޒްރޭލުގެ ސަލާމަތީ އިދާރާތަކުން ވަނީ ބުނެފައެވެ.
އީރާންގައި ތިބި އޭއެފްޕީގެ ނޫސްވެރިން ބުނީ ވެރިރަށް ތެހެރާންގެ ދެ ދިމާލަކުން ދުން އަރަމުންދާތަން ފެންނަ ކަމަށެވެ.
އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ދަނިކޮށް ހަމަލާ ދީފައި ވާއިރު މަޝްވަރާތައް ހޮސްޓުކުރާ އޮމާނުން ވަނީ އީރާނުން ނިއުކްލިއާ މެޓީރިއަލް ސްޓޮކްޕައިލްކުރުން ހުއްޓާލަން އެއްބަސްވެފައިވާ ކަމަށާއި އެހެންވެ އެއްބަސްވުމެއް ގާއިމުކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ބުނެފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ވެސް އިޒްރޭލުން އީރާނަށް ހަމަލާ ދިނުމާ އެކު ހަނގުރާމަ ފެށުނެވެ. އެފަހަރު 12 ދުވަސް ވަންދެން އިޒްރޭލާއި އީރާނުން މިސައިލާއި ޑްރޯނުން ހަމަލާ ބަދަލުކޮށްފައި ވާއިރު އީރާނުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއްވިއެވެ.



