ވިއްސާރައިގެ ސަަބަބުން ތ. ތިމަރަފުށީގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާ ކަމަށް، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭއިން ބުނީ ފެން ބޮޑުވުމުގެ ސަބަބުން،އެ ރަށުގެ 33 ގެއަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުން ލިބިގެން އެއިދާރައަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފެންގަނޑު ހިންދާފައިވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ، ރޭ ކުރި ވިއްސާރައިގައި، ހއ. ދިއްދޫ ވިއްސާރަ އަދި ގަދަ ވައިގެ ސަބަބުން 10 ގެއެއްގެ ފުރާޅަށް ގެއްލުން ލިބުނުކަމަށެވެ. މީގެ ތެރެއިން 6 ގެއެއްގެ ފުރާޅުވަނީ އެއްކޮށް އެއްލާލާފައިވާކަމަށްވެސް ބުނެފައި ވެއެވެ. އަދި، ގެއްލުން ލިބުނު ގޭތަކުގެ މީހުން ގާތް ތިމާގެ މީހުންގެ ގެތަކަށް ވަގުތީ ގޮތުން ވަނީ ބަދަލުކޮށްފަ އެވެ.
ވިއްސާރައިގައި ރަށްތަކަށް ލިބުނު ގެއްލުންތައް ދެނެގަނެ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ މަސައްކަތް އެން.ޑީ.އެމް އާއި ރަށު ކައުންސިލްތަކާއި ގުޅިގެން ދަނީ ކުރަމުންނެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު، މިހާރު އެކި ސަރަހައްދުތަކަށް ވިއްސާރަވެ މޫސުން ގޯހެވެ. މޫސުން ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ ކުރިޔަށް އޮތް ތިން ދުވަހުވެސް ވާރޭވެހޭނެކަމަށެެވެ. އަދި މޫސުން ލަފާކޮށް ސަމާލުތައްވެސް ދަނީ ނެރެމުންނެވެ. މިހާރުވެސް މެދު ރާއްޖެތެރެ އޮތީ ހުދު ސަމާލުގަ އެވެ.




