ޔަހޫދީ އިޒްރޭލުންނާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ދީފައިވާ ހަމަލާތަކުން، އެމެރިކާގެ ތިން ސިފައިން މަރުވެ، އިތުރު ފަސް ސިފައިންނަށް ބޮޑެތި ޒަޚަމްތަކެއް ވެފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.
ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކުގައި އެ ޤައުމުގެ ރޫހާނީ ވެރިޔާ އާޔަތުالله ޚާމަނާއީއާއި ސަރުކާރުގެ ގިނަ ޢަދަދެއްގެ އިސް އޮފިޝަލުން ވަނީ ޝަހީދު ކޮށްލާފައެވެ. އެ މަރުތަކުގެ ބަދަލު ހިފާނެ ކަމަށް ބުނެ އީރާނުން ދަނީ އެމެރިކާއަށާއި ޔަހޫދީންނަށް ވަރުގަދަ އިންޒާރުތައް ދީ، ދެ ބައި މީހުންނަށް ނުރައްކާތެރި ހަމަލާތައް އަމާޒުކުރަމުންނެވެ.
ޔަހޫދީ ދައުލަތުގެ ބައިތު ޝައިމިޝްއަށް އަމާޒުކޮށް އީރާނުން ދީފައިވާ ޙަމަލާއެއްގައި ނުވަ މީހުން މަރުވެ، 51 މީހުންނަށް ޒަޚަމްވެފައިވެއެވެ. އެ ހަމަލާއަށް ފަހު 11 މީހުން ވީނުވީއެއް ނޭނގު ގެއްލިފައިވާ ކަމަށް ވެސް ޔަހޫދީން ބުނެއެވެ. މިއީ ޔަހޫދީންނަށް އީރާނުން ދެމުންދާ ހަމަލާތަކުގެ ތެރެއިން މިހާތަނަށް ދީފައިވާ އެންމެ ގެއްލުން ބޮޑު އެއް ހަމަލާއެވެ.
މި ހަމަލާގެ އިތުރުން ތެލް އަވީވްގެ އުތުރުގައި އޮންނަ ޔާކޮން ސަރަހައްދަށް އީރާނުގެ މިސައިލު އަރާފައިވެއެވެ. މި ހަމަލާތަކީ އާދަޔާ ޚިލާފަށް ވަރުގަދަ ހަމަލާއެއްގެ ގޮތުގައި ޔަހޫދީ މީޑިޔާއިން ވަނީ ސިފަކޮށްފައެވެ.
މެދުއިރުމަތީގެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށާއި ޔަހޫދީ އިސްރާއީލުގެ ތެލް އަވީވްގައިވާ އަސްކަރީ މަރުކަޒުތަކަށް ވެސް އައިއާރުޖީސީން ވަނީ ހަމަލާދީފައެވެ.




